ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އަންގާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

އެފްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ އަމާން ޓަވަރުތަކުގެ ތެރެއިން ކުލި ނުދައްކާ ދެ ފްލެޓެއްގެ "ޕޯޓަލް އެކްސެސް" ކަނޑާލައި އެ ދެ ފްލެޓް ހުސްކުރަން އަންގާފައިވާ ކަމަށެވެ. އެ ދެ ޔުނިޓް ހުސްކުރަން 15 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ ގަވާއިދުން ކުލި ދައްކަން އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ދިނުމަށްފަހު، ހުރިހާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް އެފްޑީސީއިން ބުނެއެވެ.

"މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވަނީ ހަވާލުކުރެވިފަ އެވެ،" އެފްޑީސީން ބުންޏެވެ. އެފްޑީސީ އިން ބުނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ 135 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތުދީފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުލި ދައްކަން ދެ ފަހަރެއްގެ މަތިން ނޯޓިސްފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭން ޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާ ކަމަށް އެފްޑީސީއިން ބުނެއެވެ.

އެފްޑީސީން މިއަދު ބުނީ، ގަވާއިދުން ކުލި ނުދައްކާ މީހުން ފްލެޓްތައް ހުސްކުރަން އަންގަނީ ހައުސިން ޔުނިޓްތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އިސްކަންދޭތީއެވެ.

ފަހި ދިރިއުޅުން ފްލެޓްތައް
ފަހި ދިރިއުޅުން ފްލެޓްތައް
ރައީސް މޮކަޕް ބައްލަވާލައްވަނީ

އެ ކުންފުނިން ހާމަކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ހުސްވި ސެޕްޓެމްބަރ މަހު 21 ގެ ނިޔަލަށް ޔުނިޓްއިން ގަވާއިދުން ކުލިދައްކަމުންދިޔައިރު، ގަވާއިދުން ކުލި ނުދައްކާ ޖުމްލަ 564 ޔުނިޓު އެބަހުރިއެވެ.