"މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް"ގެ ނަމުގައި ރަސްމާލޭގައި މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލްހިލްސްއާ އެކު ކުރިއަށް ދާން ނިންމީ މާލިއްޔަތު ގަވާއިދުގައި ބުނާ، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅޭ ގިނަ ސުވާލުތަކެއް ހިމަނުއްވައި ކުޑޫ ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުތަކުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅާނެ އުސޫލުތައް މާލިއްޔަތު ގަވައިދުގެ 10.22 މާއްދާގެ (ނ) ގައި އޮވެ އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ އެނޫން ވެސް ގިނަ ސުވާލުތަކެއް ކުޑޫގެ ސިޓީގައި ކުރެއްވި އިރު ގިނަ ސުވާލުތަކަށް މިނިސްޓަރު ސާފުކޮށް ޖަވާބު ދެއްވާފައިވެ އެވެ. އަދި ބައެއް ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކާ ބެހޭ ތަފްސީލު މިހާރު އާއްމުވެފައިވާ ކަމަށެވެ.