ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ހަމަޖައްސައިދިނުމަށް ސަރުކާރުން ހާއްސަ ހިލޭ އެހީގެ ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ސްކީމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ނުފެށި ތިބި ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވި އާންމު ރައްޔިތަކު ބުނީ ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ބޭންކުތަކުން ލޯނު ހޯދުމުގައި ހުރި ދަތިތަކާއި، ޝަރުތުތައް ފުރިހަމަ ނުކުރެވިގެން އިމާރާތްކުރުން ނުފެށިވާކަމަށެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަމިއްލަ ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކު ފައިނޭންސިން ހޯދުން ފަސޭހަކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭންކުތަކުން ލާޒިމުކުރާ ފަސް ޕަސެންޓުގެ އިކުއިޓީ ދެއްކުމުގައި އެހީތެރިވެދިނުމަށް ހާއްސަ ސްކީމެއް އެކުލަވާލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިި ގޮތުގައި މި ސްކީމަށް ބޭނުންވާ ފައިސާ މިހާރު ޓްރަސްޓް ފަންޑެއްގައި ހަމަޖައްސާފައިވެ އެވެ. އަދި މި އެހީ ދޫކުރާނީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ މާލީ އެހީގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.