މީގެ ހަ އަހަރެއްހާ ދުވަސް ކުރިން ކޮވިޑް19 ފެތުރެން ފެށި ޗައިނާގެ ސިޓީ ވޫހާންގެ ކުރީގެ މޭޔަރު ޒޯ ޝިއަންވާންގްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ، 14 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޗައިނާގެ މެދުތެރޭގައިވާ ވޫހާން ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ކުރީކޮޅު ކަންތައް ކުރި ގޮތާ މެދު ޒޯ ޝިއަންވާންގް އަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ކޯޓުގެ ބަޔާނުގައި އެކަން ފާހަގަކޮށްފައި ނުވި ނަމަވެސް އޭނާ ރިޝްވަތު ހިފި ކަމަށް އަލިއަޅުވާލާފައިއެވެ. އަދި ކޯޓުން ވަނީ އޭނާ 747،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ޝަންގްކިއު އިންޓަމިޑިއަޓް ޕީޕަލްސް ކޯޓުން ބުނީ ޒޯ އޭނާގެ އެކި މަގާމުތައް ބޭނުންކޮށްގެން 2003 އާއި 2025 އާ ދެމެދު ވިޔަފާރި ހިންގުމާއި އިދާރީ ރުހުން ހޯދުން ފަދަ ކަންކަމުގައި އެހެން މީހުންނަށް އެހީތެރިވެދީފައިވާ ކަމަށެވެ. މިކަމުގައި ޖުމްލަ 9 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އާއި އަގުހުރި ތަކެތި އޭނާ ވަނީ ބަލައިގަނެފައެވެ.

އޭނާއަށް އިއްތި ހުކުމަށް ލުޔެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެއީ އޭނާ އޭނާގެ ކުށްތަކަށް އިއުތިރާފުވެ، އޭނާ ރިޝްވަތުން ހޯދި ފައިސާގެ ބޮޑު ބައެއް ކަމާބެހޭ ފަރާތްތަކާ އެއްބާރުލުންދީގެން ހޯދުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ.