އިސްރާއީލްގައި ގޮތް ނޭނގޭ އެއްޗެއް ގޮވައި، އެކަކު މަރުވެ، 19 މީހުން މިއަދު ޒަހަމްވެއްޖެއެވެ.

ޓައިމްސް އޮފް އިސްރާއީލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ އިސްރާއީލް އުތުރުން އޮންނަ ރަމިމް ރިޖް ސަރަހައްދުގައެވެ. އެއީ އިސްރާއީލާއި ލުބުނާންގެ ބޯޑަރާ ވަރަށް ކައިރި ހިސާބެކެވެ. މި ހާދިސާގައި އަނިޔާވި 19 މީހުންގެ ތެރެއިން ދެ މީހުންގެ ހާލު ވަރަށް ސީރިއަސްއެވެ.

އަނިޔާވީ އެ ސަރަހައްދުގެ ޕީއެއާ އޮބްޒަވޭޝަން ޕޮއިންޓް ކައިރިން ހިނގާފައި ދިޔަ ސްކޫލް ކުދިންތަކަކަށާއި ޓީޗަރުންނަށެވެ.

އިސްރާއީލްގެ ފުލުހުން ބުނީ އެ ސަރަހައްދުގައި ގޮވީ ކޮން އެއްޗެއްތޯ ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ އިސްރާއީލް އަސްކަރިއްޔާގެ ހެލިކޮޕްޓަރު ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ސަރަހައްދުގައި ގޮވާ ޒާތުގެ އިތުރު އެއްޗެއް އޮވެދާނެތީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ވަނީ ފޮނުވާފައެވެ.