ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ކުއްލި ސިއްހީ ފަރުވާއެއް ބޭނުންވެގެން ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ފަށައިފިއެވެ.
ރާޖަޕަކްސަގެ ޕާޓީ، ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީ) އިން ބުނި ގޮތުގައި ރާޖަޕަކްސާ އެޑްމިޓްކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރާޖަޕަކްސަ އައިސީޔޫގައި ބާއްވާފައިވާއިރު، ޑޮކްޓަރުންގެ ޓީމަކުން އޭނާގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާތީ އޮތީ އޮބްޒަވޭޝަންގައި ކަމަށް އެ ޕާޓީން ބުނެއެވެ.
ރާޖަޕަކްސާގެ ހާލަތު ގޯސްވީ އަމިއްލަފުޅު ގޭގައި ހުންނަވަނިކޮށް މެއަށް ތަދެއް އަރައިގެން ކަމަށްވެއެވެ. އޭނާގެ ހިތުގެ މައްސަލަތައް ހުންނަތާ ދުވަސްކޮޅެއްވެއްޖެއެވެ.
ރާޖަޕަކްސާގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުގައި އަނބިކަނބަލުން ޝިރާންތީ ރާޖަޕްކްސާ ވަނީ ހައްޔަރުކޮށްފައެވެ. ރާޖަޕަކްސާ ވެރިކަމުގައި ހުންނެވި އިރު ޝިރާންތި ހިންގެވި، އެހީދޭ ޖަމިއްޔާއަކަށް ލިބުނު ފައިސާ ބޭނުންކުރެއްވި ކަމުގެ ތުހުމަތު ފުލުހުން ކުރާއިރު، ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް މި ފަހުން ހައްޔަރުކުރިއެވެ. ނަމާލް ހައްޔަރު ކުރީ ސްރީލަންކަން އެއާލައިންސަށް ބޯޓު ގަތުމުގެ މުއާމަލާތަކާ ގުޅިގެން 100 މިލިއަން ރުޕީސްގެ ރިޝްވަތު ހިފިކަމުގެ ތުހުމަތުގައެވެ