ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތާއި ސައުދީއަރަބިއްޔާއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން 10 އަށްވުރެ ގިނަ އެއާލައިނަކުން ސަލާމަތީކަންކަން ކަށަވަރު ކުރުމަށް ސައުދީއަށް ދަތުރު ކުރުން މެދުކަނޑާލައިފިއެވެ.
އީރާނުގެ މަދަދު ލިބިފައިވާ ހޫތީންނާއި ސައުދީ ސަރުކާރުގެ މަދަދު ލިބޭ ހަނގުރާމަވެރިންނާއި ދެމެދު ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ހޫތީން ވަނީ މިހާތަނަށް ސައުދީގެ ދެ އެއާޕޯޓަކަށް ހަމަލާދީފައެވެ. އެގޮތުން އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ ހަމަލާގައި މިހާތަނަށް 12 ވަރަކަށް މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.
މިހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވުމާއެކު، ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސައުދީއަށާއި އަވަށްޓެރި ގައުމުތަކަށް ދަތުރު ކުރުން ގިނަ އެއާލައިންތަކުން ވަނީ މެދުކަނޑާލާފައެވެ. ހޫތީން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު ވަނީ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައި ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.