އިންސާނުން އަބަދުވެސް ދެކެމުން އަންނަ އެންމެ ބޮޑު އެއް ހުވަފެނަކީ މަރުނުވެ ގިނަ ދުވަހު ދުނިޔޭގައި ދިރިތިބުމެވެ. ދުނިޔޭގެ އެންމެ ދުވަސްވީ އެއް ލިޔުން ކަމަށްވާ ގިލްގަމޭޝްގެ ވާހަކަތަކުން ފެށިގެން ގޮސް، ޗައިނާގެ ފުރަތަމަ އެމްޕަރަރ ކިން ޝީ ހުއާންގް އުމުރު ދިގުކުރާ ބޭހެއް ހޯދަން އުޅުމުގެ ތެރޭގައި މާކަރީ ވިހަވެގެން މަރުވިކަމަށް ބުނާ ވާހަކަތަކަކީ މިކަމުގެ ހެއްކެކެވެ.

މީގެ 4،000 އަހަރު ފަހުން މިއަދުވެސް މި އަމާޒަށް ބަދަލެއް ނާދެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ދެމެދު ދެކެވުނު ވާހަކަތަކެއްގައި، މި ގަރުނުގެ ތެރޭގައި އިންސާނުންގެ އުމުރު 150 އަހަރަށް ދިގުވެދާނެ ކަމުގެ ލަފާކުރުންތަކަށް ޝީ ވަނީ އިޝާރާތްކުރައްވާފައެވެ. އަދި ގުނަވަން ބަދަލުކުރުމާއި ރިޖެނެރޭޓިވް މެޑިސިންގެ ދިރާސާތަކަށް ރަޝިޔާއިން އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަމުންދާ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ "ލޯންޖެވިޓީ ބަޔޯޓެކްނޮލޮޖީ" އެވެ. އާންމު ބޭސްވެރިކަމާ ހިލާފަށް، މި ދާއިރާގެ އަމާޒަކީ މުސްކުޅިވުމާ ގުޅިފައިވާ ބަލިތަކުގެ އަސްލު ސަބަބުތަކަށް ފަރުވާކޮށް، އިންސާނާ ދުޅަހެޔޮކަންމަތީ ހޭދަކުރާ މުއްދަތު ނުވަތަ ދިރިހުންނަ އުމުރު ދިގުކުރުމެވެ. މިއީ މުޅިން އާ ހިޔާލެއް ނޫނެވެ. 1920 ގެ އަހަރުތަކުގައި އެލެގްޒެންޑަރ ބޮގްޑާނޯވް ވަނީ ޒުވާނުންގެ ލޭ އުމުރުން ދުވަސްވީ މީހުންގެ ގަޔަށް އަޅައިގެން މުސްކުޅިވުން ލަސްކުރެވޭތޯ ތަޖުރިބާކޮށްފައެވެ.

ނަމަވެސް މިއަދު މި ދާއިރާއަށް އޮތް ޝައުގުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ފޯބްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސްއަށްފަހު ބިލިއަނަރުން ދެން އެންމެ ބޮޑަށް އިންވެސްޓްކުރާ ދާއިރާއަކީ މިއީއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ލޯންޖެވިޓީ ބަޔޯޓެކް ކުންފުނިތަކުން 3.74 ބިލިއަން ޑޮލަރު ހޯދާފައިވެއެވެ.