ވެރިރަށް މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަދާ ދެ ޕާކިން އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރިން ނިންމައިލެވޭނެ ކަމަށް، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސަޢީދު ވިދާޅުވީ ހީނާމާގޭ ޕާކިން ޒޯނުގައި އެކަމަށް ޚާއްސަ އިމާރާތެއް ބިނާކުރަން ރައީސް ނިންމަވައިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓަރާއެކު އެ އިމާރާތުގެ ކުރެހުންތަކުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ދެން ޕާކުކުރުމަށް ޚާއްސަ އިމާރާތެއް ބިނާކުރަނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާ ޖެހިގެން އޮންނަ ހުސްބިމުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ. މިހާރު ވެސް އެ ބިމުގައި އުޅަނދުފަހަރު ޕާކުކޮށްފައި ބަހައްޓައެވެ.
"ދެން އިއްޔެ އެ މަސައްކަތް އަޅުގަނޑުމެންނަށް މި ވަނީ ގާތްގަނޑަކަށް ފައިނަލް މަރުހަލާ ނިންމައިލެވި އިންތިޒާރު މި ކުރަނީ މާ ގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރާ ހަވާލުކުރެވިގެން، މި ދެ ބިލްޑިންގެ ވެސް ޓާގެޓަކީ އަންނަ އަހަރުގެ ނޮވެންބަރުގެ ކުރިން މި ތަންތަން ނިންމުން،" ސަޢީދު ވިދާޅުވިއެވެ.