އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތާވަލުކޮށްފި އެވެ. މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާއިރު އެ ޖަލްސާގެ އެޖެންޑާއަށް ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ ބަހުސް ވަނީ ހިމަނައިފަ އެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުގައި ކޮންމެ އަހަރަކު ވެސް މަޖިލީހުގެ އާންމު ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ.
ކޮންމެ ދައުރެއް ނިމުމުން، މަޖިލީހުގެ މެންބަރުންނަށް ރަސްމީ ޗުއްޓީގެ ދުވަސްތަކެއް ލިބެ އެވެ. ނަމަވެސް، މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރެއްޖެ ނަމަ މަޖިލީހުގެ ވޯޓަކުން ދައުރު ދިގުދެއްމުމަށް ނުވަތަ ޗުއްޓީ ދުވަސްވަރު ކުއްލި ހާއްސަ ޖަލްސާތަކެއް ބޭއްވުމުގެ އިހްތިޔާރު އޮވެ އެވެ.