ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ 15 މެމްބަރުން ހިމެނޭ ވަފުދެއް ޕާކިސްތާނަށް މިއަދު ފުރާވަޑައިގެން އެވެ.
ވެރިކަންކުރާ ޕާޓީ ޕީއެންސީން ބުނީ އެ ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.
ޕީއެންސީން ބުނީ އެއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕީއެންސީން ބުނީ އެ ދަތުރުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި، ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވަނީ މީގެ ކުރިން ވެސް އެ މަގާމުގެ ހައިސިއްޔަތުން ޕާކިސްތާނަށް ދަތުރުފުޅުތައް ކުރައްވައިފަ އެވެ.