ދިވެހިންނަށް ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅު، ހެޔޮ ވެރިކަމެއް ކޮށްދޭނީ އެމްޑީޕީން ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މި ގައުމާއި ދިވެހިން ދެކެމުން އަންނަ ތަރައްގީއާއި ތަނަވަސްކަމަކީ އެ ޕާޓީގެ މަސައްކަތް ކަމަށެވެ.

ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފްކޮށް، ދައުލަތުގެ އާމްދަނީ ހަތް ބިލިއަން ރުފިޔާއިން 40 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕެންޝަނާއި ޔަތީމު ކުދިންނަށް އިނާޔަތް ދިނުމާއި ރަށު ބަންދުން ސަލާމަތްކޮށް ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކަމަށާއި ކޮވިޑުގެ އާލަމީ ވަބާއިން ވެސް މި ގައުމު ސަލާމަތްކޮށްދިނީ، ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އެވެ.

"މި ޕާޓީއަކީ ދެން ވެސް ދިވެހިންނަށް ހެޔޮގޮތް ހޯދައިދޭނެ ޕާޓީ،" މިނިމަމް ވޭޖާއި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިން ކަން ވެސް ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ އާއްމު އިޖުތިމާއީ ހިދުމަތްތަކާ ބެހޭ އިމާރާތުގައި ބޭއްވި ކޮންގްރެސްގައި ނަޝީދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކަނުބަނދެ، ރާއްޖެ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށާއި މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީއެންސީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ ރާއްޖެއަށް ރައްކާތެރިކަން ލިބޭނީ އަވަށްޓެރި ގައުމުތަކާ ގުޅިގެން ކަމަށެވެ.

ގުދުރަތީ ގޮތުން ރާއްޖެ އޮތްގޮތް އެނގޭ ކަމަށާއި އަވަށްޓެރިންނަކީ ފުރަތަމަ ގުޅުން ބާއްވަންވީ މީހުންކަމާއި ތަރުތީބުގައި އިންޑިއާ އިސްކުރުމަކީ ވެސް އެއްވެސް ހާލެއްގައި ދިވެހިންނާ ދޭތެރޭގައި ނިކަމެތި ވާހަކައެއް ދެއްކުމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ

އެ ވާހަކަތަކަކީ އެކުވެރި ގައުމުތަކަށް ބަދު ބަހެއް ބުނުމެއް ނޫންކަން، ބޭރުގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި އެވެ.