މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ގަންނަ އައު ރޭޓުތައް ކަނޑައަޅާފައިވަނީ މަސް ބާނާ މިންވަރަށް ބަލައި ޓިއަރ ނިޒާމަކަށެވެ. އެގޮތުން 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރާނަމަ ކިލޯއެއް ގަންނާނީ 21.00 ރުފިޔާ އަށެވެ. އަދި 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް ކިލޯއެއް 22.00 ރުފިޔާ އަށް ގަންނައިރު، 8 ޓަނަށްވުރެ ގިނައިން މަސް ކިރާނަމަ ކިލޯއެއް ގަންނާނީ 22.75 ރުފިޔާ އަށެވެ.

މި އައު ރޭޓުތަކުގައި މިއަދު މަސް ގަންނަމުންދަނީ ގދ. ތިނަދޫ ބަނދަރު، ޅ. ފެލިވަރު ބަނދަރު، ހއ. އިހަވަންދޫ ބަނދަރު، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރުންނެވެ.

މިފްކޯއިން ބުނި ގޮތުގައި މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެކެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މިފްކޯއިން މީގެ ކުރިން ވެސް މަރުހަލާތަކަކަށް ބަހާލައިގެން އަގުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ޖޫން މަހު ކިލޯއެއް 20 ރުފިޔާއަށް، އޮގަސްޓް މަހު 21 ރުފިޔާއަށް އަދި ސެޕްޓެމްބަރު މަހު 22 ރުފިޔާއަށް މަހުގެ އަގު އުފުލާފައިވެ އެވެ.

މާކެޓުގެ އަގުތަކަށް ބަދަލު އައި ނަމަވެސް، މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވި އެވެ. މިފްކޯގެ މެނޭޖްމަންޓުން ވެސް ބުނީ އަމާޒަކީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުން ކަމަށެވެ.